ކިޔަވައިދިނުމުގައި ގެންގުޅޭނެ
ފަލްސަފާ
ކޮންމެ
މުދައްރިސަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެ މުދައްރިސަކީ ކާމިޔާބު
މުދައްރިސަކަށް ވުމަށެވެ. އެހެންކަމުން ކާމިޔާބު މުދައްރިސަކަށް ވުމަށްޓަކައި
ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ކޮންމެ
މުދައްރިސަކުވެސް އެންމެ ބޮޑު އެއްބޭނުމަކަށް ވެފައިވާނީ އެ މުދައްރިސް ކިޔަވައިދޭ
ދަރިވަރުންނަކީ މުޖުތަމަޢަށް ފައިދާ ކުރަނިވި ބަޔަކަށް ހެދުމަށެވެ. މުދައްރިސުންގެ
މި އުއްމީދުތައް ފުރިހަމަކޮށް ކާމިޔާބު ކުރުމަށްޓަކައި މި ދާއިރާގެ ތަފާތު
ތިއަރިސްޓުން ބުނެފައިވާ ކަންތައްތަކަށް އަލިއަޅުވައިލައިގެން ކިޔަވައި ދިނުމަކީ
ނުހަނު ބޭނުންތެރި ކަމެކެވެ. އެ ގޮތުން އެންމެ ފުރަތަމަ އަލިއަޅުވާލަން
ގަސްތުކުރަނީ ބިހޭވިއަރ ލާރަނިން ތިޔަރީއަށެވެ. މި ތިޔަރީގެ ބޭފުޅުން ޤަބޫލުކުރާ
ގޮތުގައި ކުއްޖާއަށް ޢިލްމެއް ލިބިފައިވާ ކަމަށް ޤަބޫލުކުރެވޭނީ އެކުއްޖެއްގެ
ޢަމަލުން އެކަން ފެންނަކަމުގައި ވާނަމައެވެ. ނޫންނަމަ އެކުއްޖާއަށް ޢިލްމެއް
ލިބިފައިވާ ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. މި ތިޔަރީގެ ބޭފުޅުން ޤަބޫލުކުރަނީ
މިސާލަކަށް މުދައްރިސް ނަމާދުކުރާ ފިލާވަޅެއް ނަގައިދީފައި އެފިލާވަޅެއް
ރަނަގަޅަށް ފަހުމުވީ ކަމަށް ބެލެވޭނީ އެކުއްޖާގެ ޢަމަލުން ނަމާދުކުރާތަން
ފެންނަކަމުގައި ވާނަމައެވެ. މިތިޔަރީގެ އަހުލުވެރިން މި ބުނާގޮތަކީ ތެދު
ގޮތެކޭވެސް އަދި ދޮގުގޮތެކޭވެސް އަޅުގަނޑަކަށް ނުބުނެވޭނެއެވެ. އެއީ ހަޤީޤަތުގައި
ޢިލްމެއް ލިބިފައިވާ މީހެއްނަމަ އެ ޢިލްމުގެ ބޭނުންކުރަން  ޖެހޭނެއެވެ. ނަމަވެސް ބައެއްފަހަރު މީހާގެ
ޖާހިލު ކަމުން ނަމަވެސް އެ ޢިލްމުގެ ބޭނުން ނުކުރާތަން އާދެއެވެ. ދެން
ހަމައެއާއެކު މި ތިޔަރީގެ ބޭފުޅުން ދެކޭގޮތުގައި ކްލާހުގައި ކުދިންނަށް ތަޢުރީފް
ކުރުމުގައިވެސް ވަކި މިންގަނޑެއް ބޭނުން ކުރަންޖެހެއެވެ. ދެން ހަމަ އެއާއެކު
ކުދިންނަށް އަދަބު ދިނުމުގައިވެސް ވަކި މިންގަނޑެއް ގެންގުޅެން ޖެހެއެވެ. އެއީ
އެކުދިންނަށް އަދަބު ދޭއިރު އެކުދިންނާއި އެކަށީގެންވާ އަދަބު ނޫން އަދަބުތައް
ދެވިގެން ނުވާނެއެވެ. މިކމާއި ގުޅޭގޮތުން އަޅުގަނޑު ބުނެލަން ބޭނުންވަނީ މީ ވަރަށް
ރަނަގަޅު ކަމެއްކަމުގައި އަޅުގަނޑު ދެކޭ ކަމެކެވެ. ހަމަ އެހެންމެ އަޅުގަނޑުގެ
ކްލާހުގައިވެސް ކުދިންނަށް ތަޢުރީފްކޮށް އަދި އެކުދިންނަށް އަދަބު ދިނުމުގައި
އެކުދިންނާއި އެކަށީގންވާ އަދަބު ދެވޭތޯ މަސައްކަތް ކުރަމެވެ. 
ދެން މި ބަލައިލަނީ
ކޮގްނެޓިވް ލާރނިން ތިޔަރީއަށެވެ. މި ތިޔަރީގެ އަހުލުވެރިން ޤަބޫލުކުރަނީ އުނގެނުމަކީ
ތިމާގެ ވިސްނުމާއި ގުޅިފައިވާ ކަމެކެވެ. ހިއްސުތައް މެދުވެރިކޮށް ލިބޭ މަޢުލޫމާތު
ފަހުމްކުރުމުގައި، ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލުން ދެނެގަނެވޭ
އެއްޗަކާއި ގުޅުވާލުމާއި، ހަނދާނަށް ގެނުވާ މަޢުލޫމާތު ސިކުނޑީގައި އަޅާކިއުމަކީ
އުނގެނުން ކަމުގައި މި ބޭފުޅުން ދެކެއެވެ. މި ތިޔަރީގެ ބޭފުޅުން ޤަބޫލުކުރާ
ގޮތުގައި ޢިލްމެއް ލިބުނުކަމުގައިވިޔަސް އެއާއި އެއްގޮތައް ޢަމަލު ކުރުމަކީ
ކޮންމެހެން ބޭނުންތެރި ކަމެއް ނޫނެވެ. މި ތިޔަރީގެ އަލީގައި ކިޔަވައިދިނުމުގައި
އަޅުގަނޑުގެ ފަލްސަފާއަކީ ފިލާވަޅުގެ މުހިންމު ޕޮއިންޓުތަކަށް އަލިއަޅުވާލައިގެން
ކިޔަވައިދިނުމެވެ. ދެންހަމައެއާއެކު ފިލާވަޅުގެ މުހިންމު ޕޮއިންޓުތައް
ދަރިވަރުންނަށް ބުނެދިނުމެވެ. ހަމައެހެންމެ ދަރިވަރުންނަށް ދިގު މުއްދަތަކަށް
ފިލާވަޅު ހިތުގައި އަށަގަނެގެންދާނެ ގޮތްތަކަކަށް ކިޔަވައިދިނުމެވެ. މޯޓިވޭޝަން
ލާރނިން ތިޔަރީ ބުނާ ގޮތުން ކުދިންގެ ސަމާލުކަން ލިބޭނެ ގޮތަށް ކިޔަވައިދިނުމަކީ
ވަރަށް މުހިންމު ކަމެކެވެ.  އެގޮތުން
ކުދިންގެ ސަމާލުކަން ހޯދުމަށްޓަކައި އަޅުގަނޑު ޤަބޫލުކުރާގޮތުގައި   ތަފާތު އެކްޓިވިޓީސްތައްވެސް
ރާވާލެވިދާނެއެވެ. އެގޮތުން ޕްރައިމެރީ ގްރޭޑްތަކަށް ކިޔަވައިދެމުންދާއިރު
ވީހާވެސް ގިނަ ތަފާތު ކުލަކުލަތައް ބޭނުން ކޮށްގެން ކިޔަވައިދޭ ކަމުގައިވާނަމަ
މުދައްރިސައް ކުދިންގެ ސަމާލުކަން ހުއްޓިގެންދާނެކަން ކަށަވަރެވެ.
 
